Skip to main content

ދިވެހިރާއްޖެ: އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ބޭނުންވާ އިސްލާހުތަށް އައު ރައީސުލްޖުމްހޫރިއްޔާ ބަލައިގަންނަން ޖެހޭ.

ތިމާވެއްޓާބެހޭ ޤާނޫނުތަކަށް އިހުމާލެވެ، މީޑިއާގެ މިނިވަންކަމަށް ނުރައްކާވެފައި.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، ކޮޕް28 ޔޫ.އެން ކްލައިމެޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަނީ، 1 ޑިސެންބަރު 2023، ދުބާއީ، އެކުވެރި އަރަބި އިމާރާތު. ©  އޭޕީ ފޮޓޯ/ރަފީކް 2023

(ބެންގްކޮކް) – 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ކުރިއަށް، ދިވެހިރާއްޖޭގެ ސަރުކާރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ މިންވަރު އިތުރުވެފައިވާ ކަމަށާއި، އެއްވުންތައް ރޫޅާލުމުގައި ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ބާރު، އެއްވުމުގެ ބައިވެރިނަށާއި، އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނާއި ދެކޮޅަށް ބޭނުންކޮށްފައިވާ ކަމަށް، ހިއުމަން ރައިޓްސް ވޮޗް އިން، އެ ޖަމުއިއްޔާގެ "ވަރލްޑް ރިޕޯޓް 2024" ގައި މިއަދު ބުނެފިއެވެ. ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، މުހައްމަދު މުއިއްޒު ކާމިޔާބު ހޯއްދެވުމަށްފަހު، ލަސްތަކެއް ނުވެ ވަނީ، 2022 ވަނަ އަހަރު ކޮރަޕްޝަންގެ ކުށުގައި ހުކުމް ކުރެވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލުން މިނިވަންކުރުމުގެ މަސައްކަތް ކުރައްވާފައިއެވެ. 

"ރައީސް މުއިއްޒު ވަނީ ކޮރަޕްޝަން ހުއްޓުވުމަށާއި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށް ވައުދުވެވަޑައިގެންފާ. އެހެން ނަމަވެސް އެމަނިކުފާނުގެ އިންތިބުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަންކުރުން ކަމަށް ވީހިނދު، މި ވައުދުތައް ފުއްދާނެކަމާމެދު ޝައްކު އުފެދޭ،" ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރ ޕެޓްރީޝާ ގޮސްމަން ވިދާޅުވިއެވެ. "ރައީސް މުއިއްޒުގެ ސަރުކާރުން، އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެއްބާރުލުން ދިނުމަށާއި، ދިވެހިރާއްޖޭގެ ރަށްތަށް ނުރައްކަލަށް ހުށައެޅޭގޮތަށް ހިންގޭ ތަރައްގީގެ މަޝްރޫއުތަކުން ރައްކާތެރިކޮށްދިނުމަށް، ސަމާލުކަން ދޭންޖެހޭ."

740 ސަފްހާގެ ވަރލްޑް ރިޕޯޓު 2024 އަކީ މި ރިޕޯޓުގެ 34 ވަނަ އަދަދެވެ. މި ރިޕޯޓުގައި 100 އަށްވުރެ ގިނަ ގައުމުން އިންސާނީ ހައްގުތަކުގެ ދާއިރާއިން އަމަލުކުރަމުންދާ ގޮތަށް އަލިއަޅުވާލާފައިވާނެއެވެ. މި ރިޕޯޓުގެ ތައާރުފުގައި، ހިއުމަން ރައިޓްސް ވޮޗްގެ އެގްޒެކެޓިވް ޑިރެކްޓަރ ޓިރާނާ ހަސަން ވިދާޅުވެފައިވާ ގޮތުގައި، 2023 ވަނަ އަހަރަކީ އިންސާނީ ހައްގުތަށް ހަނިކުރުމާއި، ހަނގުރާމާއިގައި އަނިޔާގެ އަމަލުތައް ހިންގުމުގެ އިތުރުން، ސަރުކާރުތަކުން ހަމައެކަނި ބައެއް ކަންކަމުގައި ނުރުހުންފާޅު ކުރުމާއި، އެއްގައުމު އަނެއްގައުމާއި މެދު ކުރެވޭ ޚާރިޖީ މުއާމަލާތްތަކުގެ ސަބަބުން އެ މުއާމަލާތުގައި ނުހިމެނޭ ގައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބުނުތަން ފެނިގެން ގޮސްފައިވާ އަހަރެކެވެ. އެހެންނަމަވެސް ކަންކަން ބަދަލުވެ، އެހެން މަގަކުން ގޮސްދާނެކަމުގެ އުންމީދު އާވާފަދަ ކަންކަންވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވާއިރު، ސަރުކާރުތަކުން އިންސާނީ ހައްގުތަކުގެ ދާއިރާއިން އުފުލަންޖެހޭ ޒިންމާތައް އުފުލުމުގައި ދެމި ތިބުމަށް އޭނާ ވަނީ ގޮވާލާފައިއެވެ.

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާބެހޭ ކަންކަމުގައި ބައިނަލްއަގުވާމީ ފޯރަމް ތަކުގައި ބާރުގަދަ އަޑެކެވެ. އެހެން ނަމަވެސް ފަތުރުވެރިކަން ކުރިއެރުވުމަށާއި، އުމްރާނީ ތަރައްޤީގެ މަޝްރޫއުތަށް ހިންގުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމުގެ ފިޔަވަޅުތަކަށް އިހުމާލުވެ އެކަންކަމަށް ބެލުމެއް ނެތި ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތްތަކުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާނުގައި މޫސުމަށް އަންނަބަދަލުތަކަށް ފިޔަވަޅުއެޅުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުންތަކުގެ ބުރަދަނަށް އަސަރު ކުރެއެވެ. ރައީސް މުއިއްޒުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކަލުގެ މިންވަރާމެދު ޝައްކު އުފެދޭ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުން ގޯސްވުމުގެ ސަބަބުން މިހާރުވެސް ނުރައްކަލަށް ހުށަހެޅި، ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވީ ނަމަވެސް ބިން ހިއްކުމުގެ މަޝްރޫއުތައް އިތުރުކުރުމަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަށާއި، އެލްޖީބީޓީ ހައްގުތަކަށް މަސައްކަތް ކުރާފަރާތްތަކަށް އަދި މަދަނީ ޖަމުއިއްޔާތަކަށް ބިރުދެއްކުމާއި އިންޒާރު ދިނުމުގެ އަމަލުތަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ ކުރިމަތިވެފައިއެވެ. މިފަދަ އަމަލުތައް އާއްމުކޮށް ހިންގަނީ ދީނީ ހައްދުފާހަނަ އަޅާފައިވާ ގުރޫޕުތަކުންނެވެ. ދިވެހި ސަރުކާރުން މީގެ ކުރިންވެސް މިފަދަ ގުރޫޕުތަކުން ބޭނުންވާގޮތަށް ކަންތައްތައް ދޫކުރާކަމަށް ފާހަގަކުރެވިފައިވެއެވެ. މާރިޗު 28 ގައި ދިވެހިރާއްޖޭގެ ސިވިލް ކޯޓުން ވަނީ 2019 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކްގެ ރަޖިސްޓްރީ އުވާލަން ނިންމި ނިންމުން ދަމަހައްޓާފައިއެވެ. ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަށް ދިފާއުކުރުމަށް މަސައްކަތްކުރާ އަންހެނުންނަށް، އޮންލައިންކޮށް ބިރުދެއްކުމާއި އިންޒާރުދުނުމުގެ ނުރައްކާ ބޮޑުވަމުން އަންނަކަމަށް، އދ ގެ ސްޕެޝަލް ރެޕަޓުއަރއެއް ވަނީ މާރިޗު މަހު ބޭއްވުނު އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވިދާޅުވެފައިއެވެ.

ނޫސްވެރިންގެ މަސްދަރު ހާމަކުރަން ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ޤާނޫނަށް އިސްލާހު ގެންނާނެ ކަމަށް ވައުދުވެފައި ވީނަމަވެސް، އެ ގާނޫނަށް އިތުރު ބަދަލެއް ނުގެނެސް ވަނީ އަމަލު ކުރަމުން ގޮސްފައިވެއެވެ. 2014 ވަނަ އަހަރު ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި 2017 ވަނަ އަހަރު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަތަކުގެ ތަހުގީގަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު، އެ މަރުތަކާއި އިތުރު މަރުތައް ތަހުގީގު ކުރުމަށް ކުރީގެ ސަރުކާރުގައި އުފެއްދެވި، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މެންޑޭޓް 2023 ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. މި މައްސަލަތަކުގެ ތުހުމަތުކުރެވޭ ދެ މީހަކު ވަނީ، ސިއްރު ޝަރީއަތަކަށްފަހު، އެ ތުހުމަތުން ބަރީއަވެފައެވެ.

Your tax deductible gift can help stop human rights violations and save lives around the world.

Region / Country